ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިގެން ރައްޔިތުންގެ ވޯޓްލުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނަ ކަމަށް ބަނޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޤާނޫނީ ގޮތުން ރައްޔިތުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ބާ ކައުންސިލުން މިއަދު ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ، ގާނޫނު އަސާސީގެ އޮނިގަނޑު މާނަކުރަނީ ގާނޫނު އަސާސީ އޭގެ މައްޗަށް ބިނާކޮށްފައިވާ ދުސްތޫރީ އަސާސްތަކުގެ މައްޗަށް ކަމަށެވެ.
”އަޅުގަނޑުމެންގެ ގާނޫނު އަސާސީ އެކުލެވިފަ އޮތްގޮތަށް ބަލާއިރުގައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނޫ އަސާސީގެ މައިގަނޑު އޮނިގަނޑަކީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއާއި، ފަސްވަނަ މާއްދާއާއި، ހަވަނަ މާއްދާއާއި، ހަތްވަނަ މާއްދާއާއި އައްވަންނަ މާއްދާ، ދިހަ ވަނަ މާއްދާގެ އިތުރުން ދެވަނަ ބާބުގައި އެކަށައަޅާފައި މިއޮތް އަސާސީ ހައްގުތަކާއި ރައްޔިތުންނަށް ލިބިދޭ ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ، މި އިސްލާހުގެ ސަބަބުން މިއިން އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް އާދޭތޯ“ އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މި މާއްދާތަކުގެ ތެރެއިން ވެސް ޑިމޮކްރަސީގައި އެންމެ މުހިއްމު އެއް މާއްދާއަކީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާ ކަމަށާއި، ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް އެ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ކިބައިން ބާރުތައް ލިބިގަންނަ ދުސްތޫރީ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ލިބިފައިވާ އިންތިހާބުތަކުގައި ވޯޓް ލިބިދިނުމުގެ ހައްގުކަމަށް އުޝާމް ވިދާޅުވިއެވެ.
”ރައްޔިތުން އިންތިހާބު ތަކުގައި ވޯޓްލައިގެން ރައީސުލްޖުމުހޫރިއްޔާ އަކު އިންތިހާބުކުރުމުގެ ހައްގު. ރައްޔިތުންގެ ވޯޓް ލައިގެން ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމުގެ ހައްގު. މިއީ އެންމެ ބޭސިކު އެއް އަސާސަކީ ގަނޫނު އަސާސީގައި ކަނޑައެޅިފައި މިއޮށް. މި އިސްލާހުގެ ސަބަބުން މިކަމަށް އެއްވެސް ބަދަލެއް އާދޭތޯ އެއްވެސް ބަދަލެއް ނާދޭ“ އުޝާމް ވިދާޅުވިއެވެ.
އަދި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވި ކަމުގައި ވިޔަސް ރައިސުލްޖުމުހޫރިއްޔާ އަކު އިންތިހާބުކުރުމުގެ ފުރުސަތުވެސް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާނެ މީހަކު އިންތިހާބު ކުރުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބިގެންދާކަމަށް އުޝާމް ވިދާޅުވިއެވެ.
”ހަމަ އެކަނި ތަފާތަކީ ކުރީގައި ހައެއްކަ މަސް ދުވަސް ތެރޭ ބާއްވާ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން.“ އުޝާމް ވިދާޅުވިއެވެ
އަދި މި ބަދަލުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

