”ބިންވެރިޔާ“ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ސަރުކާރުން އަޅާ ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ގިނަ ރައްޔިތުންތަކެއް، އެ ގޯތިތައް ދޫކޮށްލުމަށްފަހު މި ސަރުކާރުން އަޅަން މަސައްކަތްކުރާ ފްލެޓުތަކަށް ކުރިމަތިލެވިދާނެތޯ އެދެމުން އަންނަ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ގޯއްޗަކީ އަމިއްލައަށް އިމާރާތްކުރަން ޖެހޭ ތަނަކަށްވާއިރު، ފްލެޓަކީ އަޅާ ނިމުމުން ވަރަށް ފަސޭހައިން ދިރިއުޅެން ފެށޭނެ ތަނެކެވެ. އަދި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދީފައިވީ ނަމަވެސް، އެ ތަންތަނުގައި ކަރަންޓާއި، ފެނާއި، ނަރުދަމާއާއި މަގުތައް ފަދަ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށާއި އެ ނޫނަސް ކުރަން ހުރި މަސައްކަތްތައް ކުރަން ވަގުތު ނަގާނެކަމަށެވެ. އެހެންވެ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ރައީސް ވިދާޅުވީ ގޯތި ލިބިފައިތިބި މީހުންނަކީ ކުރިން އެއްވެސް ތަނަކުން ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންނަށް ވުރެ ރަނގަޅު ހާލަތެއްގައި ތިބި ބަޔަކަށް ވުމުން، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިން ނަމަވެސް އެ ހާލަތަށް ރިއާޔަތް ކުރާނެ ކަމަށާއި މި ފުރުސަތު ހުޅުވާލުމަށްޓަކައި ޕޯޓަލްގެ ތެރެއިން ޖާގަ ހަދަން ވަގުތުކޮޅެއް ނަގާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

