ރައީސަކަށް ހޮވޭނެ މީހަކު މަޖިލިސް މެންބަރުން އިންތިހާބު ކުރުމަކީ އެންމެ މިނިވަން ގޮތްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ގިނަ ރައްޔިތުން ތާއީދު ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެކަމުގައި އެ މަނިކުފާނު ދައްކަވަނީ ސީޔާސީ ވާހަކަތަކެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފްރީ އެންޑް ފެއާ އިލެކްޝަނެއް ބާއްވަން ބަލާއިރު މަޖިލީހުގެ އިންތިހާބު އެއްމެ ފްރީ އެންޑް ފެއާ ގޮތުގައި ހިންގާނީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިގެން ކަމަށެވެ.
”ރައީސުލްޖުމުހޫރިއްޔާ އަކަށް ހޮވިގެންދާ މީހާ އޭރަކު ނޭނގޭނެ. އެހެންނޫނީ ވާގޮތަކީ ސަރުކާރު އޮންނަނީ ހޮވިފަ. ދެން މިދަނީ ހަމަސް ފަހުން ރައްޔިތުން ކައިރިއަށް. ދާއިރު ދެން މިދަނީ ތިމަންނައަކީ ސަރުކާރު ޕާޓީއޭ. ރައީސުލްޖުމުހޫރިއްޔާ ނިސްބަތްވާ ޕާޓީއޭގެ މީހާއޭ. އެހިސާބުން އެބަ ގެއްލޭ އެ ފެޔާނަސް ދެން އޮންނާނީ އިދިކޮޅު ޕާޓީ އެމީހުންނަށް އެ ފުރުސަތެއް ނޯންނާނެ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިމޮކްރާސީގައި މިނިވަންކަން އޮތުން ވަރަށް މުހިންމު ކަމަށާއި ފްރީ އެންޑް ފެއާ އިލެކްޝަނަކާއި އެންމެ ގާތް ކުރާނެ ގޮތަކީ އެ ހޮވޭ ސަރުކާރެއް ނޭނގޭ ހާލަތުގައި، ހަމަ އެދުވަހު މަޖިލީހުގެ މެންބަރުން ހޮވުން ކަމަށެވެ.
ފާއިތުވި ތިން ދައުރުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މެޖޯރިޓީ ލިބެނީ ސަރުކާރު ކެންޑިޑޭޓް ނުވަތަ ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓްއޭ ބުނެ އޭގެ ނިވަލުގައި މަސައްކަތް ކުރައްވާތީކަމަށް ގަބޫލުކުރައްވާކަމަށެވެ.
“ އެހެންވީމަ އެކެމެއް ނެތި އިންތިހާބު ބޭއްވުނީމަ އީވަންލީ ޑިސްޓްރިބިއުޓެޑް ގޮތަކަށް މަޖިލީހަށް މެމްބަރުން ހޮވޭނ ސުޕަރ މެޖޯރިޓީ ނޫނީ ވަކި ޕާޓީއެއްގެ މީހުން ގިނަވާ ގޮތަކަށް ނޫނޭ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕާޓީތަށް ހަމަ ހަމަ މަޖިލީހެއް އޮތުމުން “ ޗެކް އެންޑް ބެލެންސް“ ނިޒާމެއް ގެނެވޭ ކަމަށާއި، ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރާފަރާތް ކަމަށާއި، މަޖިލީހުގައި މުޅިން ސަރުކާރުގެ މެންބަރުން ތިބުމަށްވުރެ ބޮޑަށް
ވީހާވެސް ގިނަ ޕާޓީތަކުގެ މެންބަރުން އެކަށީގެންވާ އަދަދަކަށް މަޖިލީހުގައި ތިބޭނަމަ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު އެތައް ގުނައަކަށް ބޮޑުވެގެންދާ ކަމަށެވެ.

