އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއަރ އަލުން ފެށޭނެ ކަމަށާއި އެޚިދުމަތުގެ އެންމެބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޚާއްޞަ މަސައްކަތް އިފްތިތާޙް ކުރުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސް ވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020އިން 2021އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ ”ސްޓެޕްސް ސަރވޭ“ ގެ ނަތީޖާގައި ފާހަގަކުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެދިރާސާއިން ހާމަވެފައިވާ ކަމަށާއި، އަދި މިކަން ބަލަން ތިބެވެން ނެތް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެންމެ ގިނަ މީހުން ރާއްޖޭގައި މިހާރު މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، އެފަދަ ބަލިތަކުގައިކަން ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، މިސަރުކާރުން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ކުޅިވަރު ހަރަކާތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން އެހަރަކާތުންވެސް ދޭން ބޭނުންވި މެސެޖަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ހެލިފެލިވެ ނުވަތަ ޙަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ރައީސް ވަނީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށާއި، ފައިދާހުރިކާނާ ބޭނުން ކުރުމާއި، ހެލިފެލިވެ އުޅުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.