މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލެ ޓެކްސީގެ ހިދުމަތް ފަށާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ހިދުމަތް ހިލޭ ހޯދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ކުންފުނިން ބުނީ، އަގު ނުނަގައި ދަތުރުކުރާ މުއްދަތުގައި މާލެ ޓެކްސީ ލައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން އާންމުންގެ ހިޔާލު ހޯދުމަކީ މަގުސަދެއް ކަމަށެވެ.

އެހެންވެ، ހިލޭ ދަތުރުކުރާ މުއްދަތުގައި އެފަދަ ހިޔާލުތައް ދިނުމަށް އެމްޓީސީސީން އެދެއެވެ.

”އެހެންވެ މި މުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރު ބުކްކޮށް، ހިދުމަތް ހޯދުމަށް ހުރިހާ ކަސްޓަމަރުންނަށް ފުރުސަތު ހުޅުވައިލަމެވެ.“ ޖުމުލަ 150 ޓެކްސީއާ އެކު ފެށި ހިދުމަތާ ގުޅޭ ގޮތުން އެމްޓީސީސީން އާންމުކުރި ނޯޓިހުގައިވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ހިލޭ ޓެކްސީގެ ހިދުމަތް ދޭ މުއްދަތުގައި ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތް ރަނގަޅު ކުރާނެއެވެ.

އެމްޓީސީސީން ބުނީ ޓެކްސީލައިންގެ ކާރަކަށް އެދުމުން، އެ މީހަކާ އެންމެ ކައިރީގައި އޮންނަ ކާރެއް ހަމަޖައްސާނެ ކަމަށެވެ. އެ ދަތުރުތަކަށް ނަގާނީ ޓްރާންސްޕޯޓު މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާފައިވާ އަގެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ ޑިޖިޓަލް ބުކިން ސިސްޓަމް މެދުވެރިކޮށެވެ.

އަދި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހިލޭ ދަތުރުކުރެވޭ މުއްދަތަށް ފަހު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ސަރުކާރުގެ ޓެކްސީލައިންގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ ލުމިން މޮޑެލްގެ ކާރު (މާލެ ތެރޭގެ ދަތުރުތަކަށް ހާއްސަ ކުދި ކާރު)މާލެ، ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ޑީޕަލް އެސްފައިވް، ހަތަރު ޕަސިންޖަރުންނަށް ތިބެވޭ ގޮތަށް ހުންނަ ޑީޕަލް އެސްސެވަންއެވެ.