ތަޖުރިބާކާރު، ހިކުމަތްތެރި އަދި ހަރު މީހުންގެ ބަހަށް ބަލާ އިރުޝާދު ލިބިގަންނަނަމަ، ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ އާނއެކޭ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު މާދަމާ ނަގަން ތައްޔާރުވެފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދިޔާނާ ކުރެއްވި ޕޯސްޓުގައި ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަދި ކުރީގެ ބައެއް ރައީސުން ކުރައްވާފައިވާ ޕޯސްޓުތަކެއްގެ ސްކްރީންޝޮޓްތައް ހިއްސާކުރައްވައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާފައިވާ ޕޯސްޓެއް ދިޔާނާ ވަނީ ހިއްސާކުރައްވާފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް މައި ދެ އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުވެސް އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރެއްވި ހަބަރެއްގެ ސްކްރީންޝޮޓް ވެސް ދިޔާނާ ވަނީ ހިއްސާކުރައްވާފައެވެ.
ދިޔާނާ ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ ރައީސަކު ހޮވި، މަގާމުގައި ހުންނަވާތާ ހަ މަސްފަހުން (ނުވަތަ ދެ އަހަރު ފަހުންވިޔަސް) މަޖިލިސް އިންތިހާބު ބޭއްވީމާ ރައީސް ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުން ނިކުންނަނީ ތިމަންމެންނަކީ ސަރުކާރުގެ ކެންޑިޑޭޓުން އަދި ކަންކަންކޮށްދެވޭނީ ތިމަންމެންނަށްކަމަށް ބުނަމުން ކަމަށެވެ. އެހެންވީމާ އިންތިހާބު ފެށެނީ ދެފަރާތަށް ހަމަހަމަވާ، އިންސާފުވެރި ފެށުމަކުންނޫން ކަމަށް ދިޔާނާ ވިދާޅުވިއެވެ.
އެއާ ހިލާފަށް ރިޔާސީ ދައުރެއް ނިމިގެން އާ ދައުރަކަށްކުރިމަތިލާއިރު، އެއް ސަރުކާރުގެ ދައުރު ނިމި، ދެން ހޮވޭ ސަރުކާރެއް ނޭނގޭތީ ’ސަރުކާރު‘ ކެންޑިޑޭޓުން ނުތިބޭނެ ކަމަށާއި، އެހެންކަމުން، ކަންކަން ކޮށްދެވޭނީ ’ސަރުކާރު ކެންޑިޑޭޓް‘ ހޮވީމާކަމަށް ބުނެ، ނުފޫޒު ވައްދާ އިންތިހާބުގެ މިނިވަންކަމާ އިންސާފުވެރިކަން ނަގާނުލެވޭނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ގެންދަވަނީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގައުމަށާއި ރައްޔިތުންނަށް ކުރާނެ ފައިދާތަކާއި ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކަމަށްޓަކައި ހާއްސަ ޕެނަލް ޑިސްކަޝަންތަކާއި ފޯރަމްތަކުގައި މައުލޫމާތު ދެއްވުމުގެ އިތުރުން ބައެއް ރަށްތަކަށްވެސް ވަޑައިގެން އެކަމުގެ ފައިދާތަކުގެ މައުލޫމާތު ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.
އެއް ދުވަހެއްގައި ބާއްވާނަމަ ސަރުކާރު ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބެން ފުރުސަތު ފަހިވާނެ ކަމަށް ވެސް ދިޔާނާ ވިދާޅުވެފައިވެއެވެ. އެކަމަނާ ވިދާޅުވީ މިހާރު އެންމެ ބޮޑު މައްސަލައަކަށް ނިޒާމުގައި އުޅެނީ ރައްޔިތުންގެ ބޭނުންތަކަށް އެދެވޭ ގޮތުގައި ވަކާލާތު ކޮށްދޭނެ އަދި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަޖިލިސް މިހާރު މިއޮތް އިންތިހާބީ ނިޒާމުން ލިބިނުގަނެވި އޮތުން ކަމަށެވެ.
އަދި ފެންނަ ނުފެންނަ ވޯޓުން މަސައްކަތް ކުރަނީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

