މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓްލުމުގެ ހައްގުލިބިފައިވާ ދިވެހި ހުރިހާ ރައްޔިތުން ނުކުމެ، ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ތާޖުއްދީން ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށާއި، އެ ހައްގުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިއަދު ބާއްވާ އިންތިހާބުތަކުގެ ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާއިރު، ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ގައެވެ.

މި އިންތިހާބުގައި ކައުންސިލްތަކުގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1,368 ކެންޑިޑޭޓުން ވާދަކުރާއިރު،  އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީޓަކަށް 1,597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.

ވޯޓުލުމުގެ އިންތިޒާމުތައް ފުރިހަމަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތަންތަން ހިމެނޭހެން ޖުމްލަ 588 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.