މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ސިއްރުކަން ނުހިފޭ ކަމަށް ބުނެ ގދ. ގައްދޫގައި ހަމަނުޖެހިން ހިންގައިފިއެވެ.
ފުލުހުން ބުނީ ގދ. ގައްދޫ ސްކޫލުގައި ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި، ފާހަގަ ޖާހާއިރު ވޯޓުގެ ސިއްރުކަން ނުހިފޭކަމަށް ބުނެ ބަޔަކު އެތަނަށް ވަދެ ބޫތަށް ބަދަލުގެންނަން އުޅުމުގެ ސަބަބުން ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް، މިހާރު އެ ސަރަހައްދު އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
ތިން އިންތިހާބެއްގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ޖުމްލަކޮށް ހުރިހާ ވޯޓު މަރުކަޒެއްގައި ވެސް ވޯޓުލުން ކުރިއަށްދަނީ އަމާންކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މެންދުރު 12:00 އާއި ހަމައަށް ވޯޓު ލީ %21.05 މީހުން ކަމަށެވެ. އެއީ 28،838 އަންހެނުންނާއި، 33،245 ފިރިހެނުންނެވެ. ޖުމްލަ 294،876 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
މިއަދު ހެނދުނު 8:00 ގައި ތިން އިންތިހާބުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލާ ކިޔު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:00ގައެވެ.

