މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުލުން ކުރިއަށްދިޔައިރު، މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ދިވެހި ފުލުހުންގެ ހިދުމަތުން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.

އެގޮތުން އިންތިހާބަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދަކީ އާދަޔާހިލާފަށް ހޫނުގަދަ ދުވަހަކަށް ވީނަމަވެސް، އިންތިހާބުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އާންމު ރައްޔިތުން ދެއްކެވި ކެތްތެރިކަމާއި ދެއްވި އެއްބާރުލުން ދިވެހި ފުލުހުންގެ ހިދުމަތުން ފާހަގަކުރާކަމަށެވެ. އަދި ހާއްސަކޮށް، ވޯޓުލުން ކުރިއަށްދިޔައިރު ފުލުހުން ދެމުންދިޔަ އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކުރުމަކީ، އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ހުރިހާ ކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށްވެސް ފުލުހުން ފަހަގަކޮށްފައިވެއެވެ.

އިންތިހާބުގެ ކަންކަން ކުރިއަށްދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭފަދަ ބޮޑު ކަމެއް ހިނގާފައި ނުވާކަން ފާހަގަކުރައްވާ ފުލުހުން ބުނެފައިވަނީ އިންތިހާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އެއްވެސް މީހަކު މިވަގުތު ބަންދުގައި ނެތްކަމަށެވެ.

އަދި މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރެއްވި ބުރަ އަދި އިހުލާސްތެރި މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމަށާއި، އަދި  ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައާއި، ވޯޓުލާން ދިޔަ ރައްޔިތުންނަށާއި އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްދީފައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެ ބަޔާނުގައި ފުލުހުން ވަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ހިދުމަތް އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމަށް ބުނެފައެވެ.