ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު އެމްޑީޕީން ވަނީ އެ ދެ އިންތިހާބު ކާމިޔާބުކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީން ކައުންސިލް އިންތިހާބުގެ 42.7 އިންސައްތަ ކާމިޔާބުކުރި އިރު، ޕީއެންސީއަށް ލިބިފައިވަނީ 42.3 އިންސައްތައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ކުރި ހޯދިފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުންނެވެ.

ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަ ކަމަށާއި، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.“ ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، މާލެ ސިޓީ އަދި އައްޑޫ ސިޓީގެ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ވަނީ ނަގައިފައެވެ. އަދި އެމްޑީޕީން ވަނީ ގިނަ ރަށްރަށުގެ ކައުންސިލް އިންތިހާބުވެސް ކާމިޔާބު ކުރައްވައިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީއަށް ކާމިޔާބު ކުރެވިފައިވަނީ 44.3 އިންސައްތައެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 38.3 އިންސައްތައެވެ.