ހުރިހާ ކައުންސިލްތަކާއެކު ވެސް، ލޯކަލް ގަވަމަންޓް މިނިސްޓްރީން އެއްވެސް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާ ކަމުގައެވެ.

”އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުއްމީދު ކުރަން.“ އާދަމް ޝަރީފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ ކަމުގައެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، މާލެ ސިޓީ އަދި އައްޑޫ ސިޓީގެ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ވަނީ ނަގައިފައެވެ. އަދި އެމްޑީޕީން ވަނީ ގިނަ ރަށްރަށުގެ ކައުންސިލް އިންތިހާބުވެސް ކާމިޔާބު ކުރައްވައިފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީން ކައުންސިލް އިންތިހާބުގެ 42.7 ޕަސަންޓް ކާމިޔާބުކުރި އިރު، ޕީއެންސީއަށް ލިބިފައިވަނީ 42.3 ޕަސަންޓެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީއަށް ކާމިޔާބު ކުރެވިފައިވަނީ 44.3 ޕަސަންޓެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 38.3 ޕަސަންޓެވެ.