ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ  މަސައްކަތް ފަށައިފިއެވެ.

އެމަޝްރޫއު ގެ އަމަލީ މަސައްކަތް ފެށިކަން  ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފައެވެ.

އެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ ދަށުން ގާދިއްފުށީގައި ޖުމްލަ 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި އެ ސަރަހައްދު ހިއްކުމަށްޓަކައި ގާތްގަނޑަކަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތުގެ މުއްދަތަކީ ގާތްގަނޑަކަށް 10 ދުވަސް ކަމަށް ރައީސް ފާހަގަކުރައްވާފައިވާއިރު މި މަޝްރޫޢަށް 110.5 މިލިޔަން ރުފިޔާ ހަރަދުކުރެއެވެ.

އަދި ކުރިއަށްދާނީ ބޮޑެތި މަޝްރޫޢުތަކުގައި ބޭނުންކުރާ، 11,500 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ”ފިލިޕޯ ބުރުނެލޭސްކީ“ ކޮނެބޯޓު ބޭނުންކޮށްގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ދަށުން، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިންއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.