ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %15 އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ މާރިޗު މަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާގޮތުން މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 512،444،534 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު ކަމުގައިވާ 441،847،516 ޑޮލަރާ އަޅާ ބަލާއިރު %15 އިތުރު އަދަދެކެވެ.
މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެގޮތުގައި ލިބިފައިވާ އަދަދެވެ.
ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު, ޓީ ޖީއެސްޓީ އިން 269 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. އިންކަމް ޓެކްސްގެ ގޮތުގައި 56 މިލިޔަން ޑޮލަރު ލިބުނުއިރު، ލޭންޑު އެކިއުޒިޝަން އެންޑު ކޮންވާޝަން ފީގެ ގޮތުގައި 35 މިލިޔަން ޑޮލަރު، ގްރީން ޓެކްސްގެ ގޮތުގައި 47 މިލިޔަން ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 37 މިލިޔަން ޑޮލަރު އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 36 މިލިޔަން ޑޮލަރު ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

