ޖަނބުރޯލަކީ ވަރަށް ގިނަ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ، މީރު މޭވާއެކެވެ. ރާއްޖޭގައި ވެސް ހައްދާ އުޅޭ މި މޭވާ ކެއުމަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިއްބައިދޭނެ ކަމެކެވެ.

މި މޭވާގައި ޕޮޓޭސިއަމް އެކުލެވިގެންވާއިރު، ސިއްހީ މައުލޫމާތު ހިމެނޭ ލިޔުންތަކުގައިވާގޮތުގައި، އާއްމުކޮށް ޖަނބުރޯލު ކެއުމަކީ ލޭގެ ޕްރެޝަރުގެ މައްސަލަތައް ދިމާވާ ފަރާތްތަކަށް ގުދުރަތީ ފަރުވާއެކެވެ. އެހެންވެ، ސޯޑިއަމް މަދުން ހިމެނޭ މި މޭވާއަކީ، ލޭގެ ޕްރެޝަރު މައްޗަށް ދާ މީހުން އާދަކޮށް ކެއުން ވަރަށް އެދެވިގެންވާ މޭވާއެކެވެ.

ޖަނބުރޯލެއްގެ 90 އިންސައްތަ އަކީ ފެނެވެ. މިފަދަ ހޫނު ދުވަސްވަރެއްގައި ހަށިގަނޑުގެ ”ހައިޑްރޭޝަން“އަށްޓަކައި މި މޭވާ ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ސަބަބަކީ ހޫނު ދުވަސްވަރެއްގައި، އަހަރުމެންގެ ހަށިގަނޑުން ގިނައިން ފެން ބޭރުވާނެތީއެވެ.

މިއީ ހަށިގަނޑުގެ އިލެކްޓްރޯލައިޓް ބެލެންސް ކޮށްދީ، ހީޓް ސްޓްރޯކް ޖެހުމުން ދުރުކޮށްދޭނެ މޭވާއެކެވެ. ފެން ގިނައިން އެކުލެވޭ މި މޭވާ އާއްމުކޮށް ކާނަމަ، ގައިގެ ހަންގަނޑު ވެސް ތާޒާކޮށްދީ، ރީތި ކޮށްދޭނެއެވެ.

ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ މާއްދާއަކަށްވާއިރު، ޖަނބުރޯލުގައި ވިޓަމިން ސީ ވެސް އެކުލެވިގެންވެއެވެ. އެހެންވެ، އާދަ ވެގެން ޖަނބުރޯލު ކާނަމަ، އާއްމު ބަލިތަކުން ރައްކާތެރިވެވުމުގެ ފުރުސަތު ބޮޑު ވާނެއެވެ.

ދެން މިއޮތީ ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް އުފާވެރި ޚަބަރެކެވެ. ޖަނބުރޯލަކީ ގިނަ މޭވާތަކެކޭ އެއްގޮތަށް ކެލޮރީ މަދު، އަދި ފައިބަރ ގިނަ އެއްޗެކެވެ. އެހެންކަމުން، ހިކެން ބޭނުންވާ މީހުން ވެސް ޖަނބުރޯލު ކާންވީއެވެ.