ކ. ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެެއްލުންތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ، ހުރާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ދަންވަރު 01:18 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމުގައެވެ.
ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ވަނީ ނިއްވާލާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެވިފައެވެ.
މި ހާދިސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭގޮތުން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، މި ހާދިސާ ހިނގި ގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފައި ކަމަށެވެ.
”މި ހާދިސާގެ ސަބަބުންއެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއްވާ. އެހެންކަމުން މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން މިދަނީ ކައުންސިލާ ގުޅިގެން ކުރަމުން.“ އެންޑީއެމްއޭ އިން ބުންޏެވެ.
ހުރާ ކައުންސިލުން ބުނީ، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ، ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށެވެ.

