ރައީސް ޑރ. މުހައްމަދު މުއިއްޒު، ”ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމު ކުރެއްވި އޮފީހެއް ކަމަށެވެ.
މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް އިއުލާނު ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު އެވެ.
މި ބިއުރޯގެ މަސައްކަތްތައް އަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު ތެރޭގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
”ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ. މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

