ކުރިއަށް އޮތީ ވަރަށް ބާރު މިނުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ދާނެ ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީން މިރޭ އއ ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިދަނޑިވަޅުގައި މަޝްރޫއުތައް ހިންގުމަށް އޮތް ހަމައެކަނި ހުރަހަކީ، މެދުއިރުމަތީގައި ކުރެވެމުންދާ ހަނގުރާމައިގެ ސަބަބުން ހުރި ހުރަސްތައްކަން ފާހަގަކުރައްވައި، އެކަމުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ތަރައްގީ ހާސިލު ކުރުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކާއި، ޑަބްލިޔުޑީސީތަކާއެކު މަސަައްކަތް ކުރަމުންދާނެ ކަމަށާއި، ސަރުކާރަށް ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.

”އެއީ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރަކު ކަމުގައި ވިޔަސް، އަދި އަޅުގަނޑުމެނާ ދިމާ އިދިކޮޅަށް މަސައްކަތް ކުރާ ކައުންސިލްތަކުގެ ގޮނޑިތަކަށް ހޮވުނު ބޭފުޅުން ކަމަށް ވިޔަސް.“ ރައީސް ވިދާޅުވިއެވެ.

 

ޕީއެންސީން އއ.ރަސްދޫގައި ބޭއްވި ޖަލްސާގެ ތެރެއިން:. ފޮޓޯ/ ޕީއެންސީ

 

ރައީސްގެ ވާހަކަފުޅުގައި، އިދިކޮޅު ޕާޓީތަކުން ކައުންސިލްތަކަށް އިންތިހާބުވެވަޑައިގެންނެވި ބައެއް މެމްބަރުން މަގުތަކަށް ނުކުމެ، މަގުތައް ހަލަބޮލިކޮށް، ދީނީ އަދި އަހުލާގީ މިންގަނޑުން ބޭރުން އަމަލުތައް ބަހައްޓަމުންދާކަން ފާހަގަކުރައްވައި، އެކަމާ ކަންބޮޑުވުންފާޅު ކުރައްވައިފައިވެއެވެ.

”އެއީ ހަމަ އަޅުގަނޑުމެންގެ ރައްޔިތުން ވޯޓު ލައިގެން ހޮވުނު މީހުން. އެކަމަކު އެ ވޯޓު ދިނީކީ އެކަން ކުރާކަށް ނޫން. އެ ވޯޓު ދިނީ ރައްޔިތުންގެ ފަރާތުން ކައުންސިލާ ހަވާލުވާ ދުވަހު، ނޫނީ ޑަބްލިޔުޑީސީގެ މަސައްކަތާ ހަވާލުވާ ދުވަހުން ފެށިގެން ޒިންމާދާރު މަސައްކަތެއް ކުރަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ، އިންތިހާބީ ބައެއް ކެންޑިޑޭޓުންގެ ފަރާތުން ފެންނަނީ، އިދިކޮޅު ފިކުރުގެ ފަރާތްތަކުގެ ކިބައިން ރައްޔިތުންނަށް އަބަދުވެސް ފެންނަމުންދާ މަންޒަރު ކަމަށް ވިދާޅުވެފައެވެ.

”ގައުމެއް އިސް ކުރަނީކީ ނޫން، ދީނެއް، މިއްލަތެއް އިސްކުރަނީކީ ނޫން. މުޅިން އެހެން ގޮތަކަށް އުޅޭތަން.“ ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އަބަދުވެސް އިސް ކުރަން ޖެހޭނީ ގައުމު ކަމަށާއި، މި ގައުމު ވާރުތަ ކުރަން ޖެހޭނީ، މާތް ވެގެންވާ އިސްލާމްދީނުގެ މަތީގައި ގައުމު ހިންގާނެ ބަޔަކަށް ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.