ސަރުކާރާ އިދިކޮޅު ކައުންސިލަރުންގެ ކިބައިން ފެންނަން ވާނީ، ގައުމަށްވުރެ އަމިއްލަ ސިޔާސީ އެޖެންޑާ އިސްކުރާ މަންޒަރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އއ ރަސްދޫއަށް ވަޑައިގެން، އެ ރަށުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ގައުމު ކުރިއަށް ގެންދަން ބޭނުންފުޅުވެލައްވަނީ، އިދިކޮޅު އިންތިހާބީ ކައުންސިލަރުން މަގުމަތިން އެ ދައްކާ އަހުލާގާ އެއްގޮތަށް ނޫން ކަމަށެވެ.

ކައުންސިލް އިންތިހާބުގައި، ވެރިކަން ކުރާ ޕީއެންސީން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ނަމަވެސް، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ގެންދަނީ މާލޭގައި ސިލްސިލާ އެއްވުންތައް ބާއްވައި، މަގުތަކުގެ އަމާންކަން ނަގައިލަން މަސައްކަތް ކުރަމުންނެވެ.

މި ހަރަކާތްތަކުގައި އެމްޑީޕީގެ ފަރާތުން އިންތިހާބުވި ކައުންސިލަރުން ވެސް ގެންދަނީ ބައިވެރިވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުން އެ ކައުންސިލަރުންނަށް ވޯޓު ދިނީ މަގުތައް ހަލަބޮލި ކުރާކަށް ނޫނެވެ.

”އެހެންވީމަ، ގައުމު އިސް ކުރުމުގެ މާނަ އަކީ، ހަމަ ހަގީގަތުގައި ވެސް އިހުލާސްތެރިކަމާއެކީގައި ގައުމު އިސްކުރުން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮންމެ ސިޔާސީ ފިކުރަކުން ވެސް އިންތިހާބީ މަގާމަކަށް ހޮވޭ ހިސާބުން އެއީ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހޮވޭ މީހެއް ކަމަށެވެ. އެގޮތުން އިންތިހާބުވާ ކޮންމެ ކައުންސިލަރަކު ވެސް، އެ ތަނެއްގެ މަސްލަހަތު އިސްކުރަން ޖެހޭނެ ކަމަށާއި، އެ މީހެއްގެ ޕާޓީގެ މަސްލަހަތު އިސްކޮށްގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެމީހަކު ނިސްބަތްވާ ޕާޓީން ގައުމު ނުވަތަ ދީނާ ދެކޮޅަށް މަސައްކަތް ކުރާނަމަ، ޕާޓީގެ ފިކުރުން އެއްކިބާ ވާން ޖެހޭނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ރައްޔިތުން ދީނާ ގައުމު އިސްކުރުމުގެ ވިސްނުމުގައި ތިބިކަން ހާމަވެގެންދިޔަ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.