ކަމުގެ ހައްސާސްކަމަށް ރިއާޔަތްކުރައްވައި، ސަރުކާރު ބަޖެޓުން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު، ރައީސް އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލައަކީ ދިވެހި މުޖުތަމައުގައި ބޮޑުވަމުން އަންނަ، އެހެންނަމަވެސް އެކަށީގެންވާ ފަރުވާގެ ނިޒާމު މިހާތަނަށް ގާއިމުކުރެވިފައިނުވާ މައްސަލައެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، މި މައްސަލައަށް ހައްލު ހޯއްދެވުމަށް ސަރުކާރުން އެޅުއްވުމަށް ގަސްދުކުރައްވާފައިވާ ބައެއް ފިޔަވަޅުތައް ހާމަކުރައްވާފައެވެ.
އެގޮތުން، ބޭރުގެ ލޯން އެހީގެ ދަށުން ލ. ގަމުގައި ތަރައްޤީކުރާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ އިޖުރާތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، މި އަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް ތެރޭ ހިމަނުއްވައިގެން، މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހޮސްޕިޓާ ގާއިމުކުރެވެންދެން، މިހާރުން މިހާރަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި، ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި މި ފަދަ ކަންކަމަށް ފަރުވާދިނުމުގެ ގާބިލިއްޔަތު އިތުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެންޓި ބުލީއިން ގާނޫނެއް އެކުލަވާލުމަށާއި، ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ބިލެއް އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވައި، ކަމާ ގުޅުންހުރި މަސައްކަތްތައް ފައްޓަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު، ބުލީކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައެޅުއްވުމަށާއި، ބުލީކުރުމާއި ފުރައްސާރަކުރުމުގެ ތަފްސީލީ މާނަކުރުންތަކާއި، އެކަން ހުއްޓުވާނޭ ގޮތްތަކާއި، އެކަން ކުރިމަތިވެއްޖެ ނަމަ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޖިނާއީ އިޖުރާއަތްތައް ކުރިއަށްގެންދާނެ ގޮތްތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ބަޔާންކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސްކޫލްތަކާއި ތައުލީމީ މަރުކަޒުތަކާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި، ވަޒީފާގެ މާހައުލުގައި ބުލީކުރުން ހުއްޓުވަން ހާއްސަ ސިޔާސަތުތަކެއް އެކުލަވާލެއްވުމަށްވެސް މަސައްކަތްކުރެވެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

