ރާއްޖޭގައި ބުލީ ކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިކަން ހުއްޓުވަން ގާނޫނެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެންޓި-ބުލީން ޤާނޫން އެކުލަވާލުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ބުލީ ކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިގެން ރާއްޖޭގައި އޮތް މައްސަލައެއް ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ގާނޫނެއް ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، 2024 ގާނޫނުލްއުގޫބާތަށް ގެނެވުނު އިސްލާހުތަކުގައި އޮންލައިންކޮށް ކުރާ އެފަދަ އަމަލުތައް ހުއްޓުވުމަށް ހިމަނާފައިވާކަމަށެވެ.
”މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކި ކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ގާނޫނެއް، އެންޓި ބުލީ ގާނޫނެއް ތައާރަފު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި.“ ރައީސް ވިދާޅުވިއެވެ.
”އެހެންވީމަ އެ މަސައްކަތް އޭޖީ އޮފީހުން ކުރިއަށް ގެންދަވާ. ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާ އެކީގައި. އެހެންވީމަ މަޝްވަރާގެ ހުރިހާ ޕްރޮސެސްއެއް ނިންމާފައި މަޖިލީހަށް ފޮނުވާނަން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ގާނޫނު އެކުލަވާލާއިރު، ސާފުކޮށް ބުލީ ކުރުމުގެ އަމަލުތަކަކީ ކޮބައި ކަމާއި ގާނޫނު ހިންގާނެ ދައިރާތައް ކަނޑައެޅިފައި ހުންނާނެ ކަމަށެވެ.

