ނޫސްވެރިކަމުގެ ނަމުގައި ގަޒުފު ކުރުމަކީ ޝަރުއީ ހަމަތަކުން ބަލާއިރު ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ”އަދަދު“ ނޫހުން ޑޮކިއުމެންޓްރީއެއް ހަދައި، އާއްމު ކުރި މައްސަލަ ފުލުހުން ބަލަމުންދާ މި ދަނޑިވަޅުގައި މެމްބަރު އިބްރާހީމް މުހައްމަދު ”އެކްސް“ގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ އަމަލުތަކަކީ ނޫސްވެރިކަމެއް ނޫން ކަމަށެވެ.

”މިނިވަން ނޫސްވެރި ކަމަކީ ފަރުދީ މިނިވަންކަމާއި އަބުރަށް އެރުން ކަމަށް ބުނެދޭން އުޅުނަސް އެކަން ބަލައި ނުގަނެވޭނެ. ފިޔަވަޅު އަޅަންޖެހޭނެ. ޖިނާއީ ކުށަށް ޒިންމާ ވާންޖެހޭނެ.“ އޭނާ ވިދާޅުވިއެވެ.

ގަޒުފު ކުރުމަކީ މީހެއްގެ ބޮލުގައި ޒިނޭގެ ނުބައި ފާފަ ކުރިކަމުގެ ތުހުމަތު އެޅުވުމެވެ. ގަޒުފު ކުރާ މީހާ އެކަމަށް އަމިއްލަ އަށް އިއުތިރާފު ވެއްޖެނަމަ، 80 އެތިފަހަރުން ހައްދު ޖެހުމާއި، އަދި ދުވަހަކުވެސް އެމީހެއްގެ ހެކިބަސް ގަބޫލު ނުކުރުމަކީ އަދަބު ކަމުގައި އިސްލާމީ ޝަރީއަތުގައި ވަނީ ކަނޑައަޅުއްވައިފައެވެ.