މީޑިއާގެ މިނިވަންކަމޭ ކިޔައިގެން، ރާއްޖޭގައި ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެ އަބުރު ކަތިލުމަކީ ”މޮޅު ކަމަކަށް ހަދައިފި“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުވައި ”އަދަދު“ ނޫހުން ތައްޔާރުކުރި ”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި ވެސް އެ ނޫހުން ވަނީ، ރައީސް މުއިއްޒުއަށް ތުހުމަތުތަކެއްކޮށް ”ދޮންއަމާ“ގެ ނަމުގައި ވެސް ޑޮކިއުމެންޓްރީއެއް ހަދައި، އާއްމު ކޮށްފައެވެ.
ނިހާދު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަށަގަނެ، ފެތުރެމުންދާ އަބުރަށް އަރައިގަތުމާއި، އަނެކާގެ ހައްގަށް އަރައިގަތުން ހުއްޓުވަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އަންނަން އޮތް ޖީލަށްޓަަކައި ވެސް، މި ހަޑިމުޑުދާރު އަމަލު ހުއްޓުވަން ޖެހޭ ކަމަށެވެ.
މުސްލިމެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ”އަދަދު“ގެ ޑޮކިއުމެންޓްރީގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ”ކަނޑައެޅިގެން ދޮގު“ ކަމުގައި ވިދާޅުވެ، އެކަމަށް ދައުވާ ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.

