މަދްޔަޕްރަދޭޝްގެ ބަރްގީ ޑޭމް ކައިރިން ނަރްމަދާ ކޯރުގައި ދަތުރުކުރި ކްރޫޒް ބޯޓެއް ބަންޑުން ޖަހާލުމުގެ ހިތާމަވެރި ހާދިސާއެއްގައި، މަޔަކާއި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު މަރުވި ޚަބަރަކީ މިއަދު ނޫސްތަކުގައި އެންމެ ބޮޑަށް ދައުރުވާ އެއް ހަބަރެވެ. މި ދެމައިންގެ އިތުރުންވެސް އެ ހާދިސާގައި ނުވަ މީހަކު މަރުވެފައި ވާއިރު ވީނުވީއެއް ނޭނގި ގިނަ ބަޔަކު ވަނީ ގެއްލިފައެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި މަރުވި މި ދެމައިންގެ ހަށިގަނޑުތައް ފެނުނުއިރު، އެ މައިމީހާ އޮތީ އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް ކުރި މަސައްކަތުގައި، ދަރިފުޅު މޭގައި ބާރަށް ބައްދާލައިގެންނެވެ.

މި މަންޒަރު ފެނި މުޅި ސޯޝަލް މީޑިއާގައި ވަނީ އެ މަންމަ އަކީ ހިތްވަރުގަދަ ކަމުގެ ނަމޫނާއެއް ކަމަށް ފާހަގަކޮށްފައެވެ. އަދި ދަރިންނަށް އެންމެ ރައްކާތެރި އަދި އެންމެ އޯގާތެރި ތަނަކީ މަންމަގެ އުނގު ކަމަށްވެސް ބުނެފައިވެއެވެ.

ހަށިގަނޑު ސަލާމަތްކުރި މީހުން ބުނި ގޮތުގައި މަރުވެފައިވާ ހަށިގަނޑުތައް ނަގަމުން ދަނިކޮށް އެމީހުންނަށް އެ އަންހެން މީހާއާއި ދަރިފުޅު ފެނުނެވެ. މަންމަލައިފު ޖެކެޓް އަޅައިގެން އޮތް އިރު އޭނާ އޮތީ ދަރިފުޅުގެ ގައިގައި ބާރަށް ބައްދާލައިގެންނެވެ. އަދި ދަރިފުޅު އޭނާގެ ހަށިގަނޑުން ދުރުކުރުމަށް ހިފި ނަމަވެސް ހިފާފައި އޮތްލެއް ބާރުކަމުން ދުރުކުރަން އުދަނގޫވި ކަމަށް އޭނާ ބުނެފައިވެއެވެ.

މިއީ މަންމަ އެދަރިފުޅު ސަލާމަތްވޭތޯ އެންމެ ފަހު ވަގުތުވެސް ކުރި ހިތްވަރާއި މަސައްކަތެވެ.

 

ބަރްގީ ޑޭމް ކައިރިން ނަރްމަދާ ކޯރުގައި ދަތުރުކުރި ކްރޫޒް ބޯޓު ބަންޑުން ޖަހައިލި ހާދިސާގައި މަރުވި ދެމައިން

 

 

މި އާއިލާއަކީ ދިއްލީއަށް ނިސްބަތްވާ ހަތަރު މީހުންގެ ފަތުރުވެރި އާއިލާއެކެވެ. މި ހާދިސާގައި އާއިލާގެ ބައްޕައާއި އަންހެން ދަރިފުޅު ސަލާމަތްވެފައިވީ ނަމަވެސް، މި ހާދިސާގައި މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ފުރާނަ ގެއްލިފައެވެ.

އެންޑީޓީވީއަށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި، މޫސުން ކުއްލިއަކަށް ގޯސްވެ، ބާރުގަދަ ތޫފާނެއް އައި ވަގުތު އޭނާގެ އަންހެނުންނާއި، މައިދައިތަގެ އިތުރުން ކާފަ ދަރިފުޅު ލޯމަތިން ގެއްލުނީ އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.

”ބޯޓުގެ ހަމަޖެހުން ގެއްލި، ވަރަށް އަވަހަށް ބޯޓަށް ފެންބޮޑުވާން ފެށި. ވާނުވާއެއް އެއްވެސް މީހަކަށް ނޭނގުނު. އެންމެން ހަޅޭއްލަވައި ރޮމުންދިޔަ. ބޯޓު އަޑިއަށްދިޔައިރު މީހުން އެހީއަށް އެދި އާދޭސްކުރަމުންދިޔަ. އަހަރެންވެސް ދިޔައީ އަޑިއަށް، ހީވީ މަރުވަނީހެން،“ އޭނާ ބުންޏެވެ.

ނަމަވެސް، ސައިދު ރިޔާޒް ހުސައިން ނަމަކަށް ކިޔާ މި މީހާ ބުނިގޮތުގައި، އޭނާގެ ފުރާނަ ސަލާމަތްވީ ހައިރާންކުރުވަނިވި ގޮތަކަށެވެ. ފެނުގެ އަޑީގައި ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް، އޭނާ ތާށިވީ ހަމައެކަނި ބޯ ފެނުން މަތީގައި ހުންނަ ކަހަލަ ހަނި ތަނެއްގައެވެ.

އެތަނުގައި އޭނާއަށް ނޭވާލެވުނު ނަމަވެސް، ދެ ގަޑިއިރެއްހާއިރު ވަންދެން އެތާ ތާށިވެފައި އޮންނަން ޖެހުނެވެ. އެ ވަގުތު އޭނާގެ ކައިރިން މީހުންގެ ހަށިގަނޑުތައް އޮޔާދާތަން ފެނުނު ކަމަށް އޭނާ ބުންޏެވެ. ނަސީބަކުން، ސަލާމަތްކުރާ ފަރާތްތަކަށް އޭނާ ފެނިގެން ވަނީ ސަލާމަތްކޮށްފައެވެ.

އައި.އޭ.އެން.އެސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ޖުމްލަ 24 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހުންގެ ތެރެއިން 17 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ފަސް ކުޑަކުދިން ހިމެނޭހެން އަދިވެސް ނުވަ މީހަކު ފެނިފައެއް ނުވެއެވެ.