މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު އަނަސް އައްޔަންކޮށްފިއެވެ.
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު މިމަހުގެ 12 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުހައްމަދު އަނަސް މިއަދުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.
އަނަސް އެންމެ ފަހުން ހުންނެވީ ޕީސީބީގެ ރައީސްކަމުގެ މަގާމުގައެވެ. ޕީސީބީގެ ރައީސްކަމުގެ މަގާމުން އަނަސް އިސްތިއުފާދެއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް މއ. ޔެލޯބެލް، މުހައްމަދު ނިޒާރު އައްޔަންކުރައްވައިފައެވެ.
އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެކެވެ. މީގެ ކުރިން ޕީސީބީގެ ރައީސް ކަމުގައި ހުންނެވި އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓާކުރުމުގެ އިސް ޒިންމާތައް އަނަސް ވަނީ އުފުއްލަވައިފައެވެ.

