ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުހިންމު ފަހުމުނާމާތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ސްރީލަންކާގެ ކޮލޮންބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅުންހުރި ހަތް ފަހުމުނާމާއެއް، ދެ ގައުމުން ވަނީ ބަދަލުކުރައްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ޒުވާނުން ތަރައްގީ ކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ސިއްހީ އަދި ދިފާއީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ވަނީ ބަދަލުކުރައްވާފައެވެ.
ރައީސް މުއިއްޒު މި ވަގުތު ހުންނެވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގައެވެ.

