ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ދެ ބޭފުޅުންވެސް ވަނީ، މެހުމާންދާރީ އާއި ފަތުރުވެރިކަން، ސިއްހަތު، ތައުލީމު، ތަމްރީން އަދި އެ ނޫންވެސް އިޖުތިމާއީ އަދި އިގްތިސާދީ، ތަރައްގީއާ ގުޅުންހުރި ދާއިރާތަކުން ދެ ގައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ އަޒުމުގައި ތިއްބެވިކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ، މިދިޔަ އަހަރު ސްރީލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާ އާ ގުޅިގެން އެ ގައުމަށް ކުރިމަތިލާންޖެހުނު އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ގައުމުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ.

އަދި ދެބޭފުޅުންގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން، ރާއްޖޭގެ ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ދެމުންދާ އަގުހުރި ހިދުމަތްތަކާއި، ސްރީލަންކާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން، އެ ގައުމުގެ ތަރައްޤީގެ މަސައްކަތްތަކަށް ދެމުންދާ މާނަހުރި ހިދުމަތްތަކުގެ އަގުވަޒަންކުރައްވާފައެވެ.