ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، ރައީސް ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައި، ކަންބޮޑުވުންތަކާއި ޝުއޫރުތައް އަޑުއައްސަވާފައެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި، ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، އިސް އޮފިޝަލުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފަރުދީ ފެންވަރުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ސްރީލަންކާގެ ސަރުކާރާއެކު ކުރިއަށްގެންދެވި މަޝްވަރާތަކުގައި، ވިސާއާ ގުޅުންހުރި މައްސަލަތައް ފަދަ، އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާމެދު ވާހަކަދެކެވުނުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ދެފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުން އެ ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިގްތިސާދީ އެއްބާރުލުންދިނުން އިތުރުކުރުމާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މީގެ ތެރޭގައި، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ގޮތްޕެއް ގާއިމުކުރުމާއި، ދިވެހި އުފެއްދުންތައް އެ ގައުމުގެ ބާޒާރަށް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ސިއްހީ ދާއިރާ އާއި ތަޢުލީމީ ދާއިރާއިން ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

