މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އުފެއްދުންތައް، އަވަށްޓެރި ސްރީލަންކާގައި ތަޢާރަފުކުރުމުގެ ގޮތުން އެ ގައުމުގެ ވެރިރަށް ކޮލަމްބޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި، މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަގާފީ ’މަލާފަތެއް‘ ވަނީ ތައާރަފުކޮށް ދައްކާލާފައެވެ. މިއީ މިފްކޯގެ ”ވެލިއު-އެޑެޑް“ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، ވަސަންތަ ސަމަރަސިންހަ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ވިޔަފާރީގެ ގުޅުމަށް މި އިސްނެގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސް ވަނީ ކާބޯތަކެތި ތައްޔާރުކޮށް ދައްކާލުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، މިފްކޯގެ ބްރޭންޑްގެ ދަށުން ފޯރުކޮށްދެވޭ އުފެއްދުންތައް ބައްލަވާލައްވައި، ތައްޔާރުކޮށްފައިވާ ބައެއް ކާނާގެ ރަހަ ބައްލަވާލައްވާފައެވެ.

މި ހަރަކާތް ބޭއްވުނީ ރައީސް މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.