ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
މި ހިނގާ މޭ މަހުގެ 3 އިން 6 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން ކުރެއްވި މި ދަތުރުފުޅުގައި ހިމެނިގެން ކުރިއަށްދިޔަ ރަސްމީ ބައްދަލުވުންތަކާއި، ރަސްމިއްޔާތުތަކުގެ އިތުރުން، މުޖުތަމައާ ގުޅުންހުރި އެކި ދާއިރާތަކުގެ ހަރަކާތްތައް ހިމެނޭހެން ކުރިއަށް ގެންދެވުނު މުހިންމު ދަތުރުފުޅެކެވެ.
ރައީސްގެ މިދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދެވޭނެ އާ ދާއިރާތައް ދެނެގަތުމުގެ މައްޗަށެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކުރެއްވުމަށް އެކުލަވައިލެއްވި ފަހުމުނާމާތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ ތެރޭގައި ޒުވާނުން ތަރައްގީ ކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ސިއްހީ އަދި ދިފާއީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ހިމެނެއެވެ. އެއަށްފަހު ދެ ރައީސުލް ގުޅިފައިވާ ބަޔާނެއް ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގައި ހިމެނިގެން ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ރައީސުން ބައިވެރިވެވަޑައިގެނެވިއެވެ.
ރަސްމީ މަޝްވަރާތަކުގެ އިތުރުން، މިދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ ބައެއް އިސްވެރިން ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތްކުރެއްވިއެވެ.
އޭގެތެރޭގައި ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް (ޑޮކްޓަރ) ޖަގަތް ވިކްރަމަރަތްނަ އެމްޕީ އަދި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމްޕީ، ވިޖިތަ ހޭރަތު، ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ.

