އިންޑިއާގެ މުމްބާއީގެ ދެކުނުގައި އުޅުނު އާއިލާއެއްގެ ހަތަރު މެމްބަރަކު މަޓަން ބިރިޔާނީ އަދި ކަރާ ކެއި ފަހުން ކުއްލި ގޮތަކަށް މަރުވިތާ ދެ ހަފްތާ ފަހުން، އެ އާއިލާގެ މެމްބަރުން ކައިފައިވާ ކަރަލުން މީދާ މަރާ ބޭހުގައި ހިމެނޭ މާއްދާއެއް ފެނިއްޖެއެވެ.
ފޮރެންސިކް ތަހުލީލުތަކުން ދައްކާ ގޮތުގައި، އެ އާއިލާގެ މެމްބަރުން ކެއި ކަރައިން ފެނިފައި ވަނީ، ”ރެޓް ޕޮއިޒަން“ގައި ހިމެނޭ މާއްދާއެއް ކަމުގައިވާ ”ޒިންކް ފޮސްފައިޑް“އެވެ.
އަބްދުﷲ (45) އާއި އޭނާގެ އަންހެނުން ނިސްރީން (35) އަދި ދަރިން ޒައިނަބު (13) އަދި އައިޝާ (16) އާދިއްތަ ދުވަހުގެ ކުރީކޮޅުގައި މަރުވީ ބޭރަށް ހިންގައި ހޮޑުލުމަށް ފަހުގައި، ފަރުވާ ހޯދަން ފެށިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
މަރުވި އާއިލާގެ މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނާގޮތުގައި، އެ މީހުންގެ ހިތާއި ސިކުނޑި އަދި ގޮހޮރު ވަނީ ފެހި ކުލައަށް ބަދަލުވެފައެވެ. އަދި މިއީ އާދައިގެ ކާނާ ވިހަވުމަކުން ހިނގާނެ ކަމެއް ނޫން ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޕްރަވީން މުންޑޭ ވިދާޅުވީ، މަރުވި ހަތަރު މީހުންގެ ހަށިގަނޑުގެ ގުނަވަންތަކުން ވެސް ޒިންކް ފޮސްފައިޑްގެ އަސަރު ފެނިފައިވެއެވެ. އަދި އެމީހުން ކެއި ކަރާގެ ސާމްޕަލްތަކުން ވެސް ހަމަ މި ވިހަ މާއްދާ ވަނީ ފެނިފައެވެ. ނަމަވެސް އެމީހުން ކެއި އެހެން އެއްޗަކުން އެ މާއްދާ ފެނިފައެއް ނުވެއެވެ.
މި އާ ހޯދުމާއެކު މި މައްސަލައިގެ ތަހުގީގުގައި ވަނީ އައު ސުވާލުތަކެއް ފެންމަތިވެގެން ގޮސްފައެވެ. އެ އާއިލާ ކެއި ކަރައަށް މި ވިހަ އެތެރެވީ ގޮތެއް ވެސް ނޭނގެއެވެ. ފުލުހުން ދަނީ މި މައްސަލައިގެ ފުޅާ ތަހުގީގެއް ހިންގަމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

