މާލެ ސަރަހައްދުގައި ހަލުވިކަމާ އެކު ރޯގާ ފެތުރެމުންދާތީ، ކޮންމެހެން އެ ހޮސްޕިޓަލަށް އަންނަން ޖެހިގެން ނޫނީ ޒިޔާރަތްނުކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އައިޖީއެމްއެޗުން އެދެފިއެވެ.

އެ ހޮސްޕިޓަލުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ހަލުވިކަމާއިއެކު ރޯގާ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން، ރައްކާތެރިފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން އެދޭކަމަށެވެ.

ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް އައިޖީއެމްއެޗުން ވަނީ ބުނެދީފައެވެ. އެގޮތުން ކޮންމެހެން ދާންޖެހޭ ހާލަތުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ސަމާލުކަން ދިނުމަށް އެދިފައިވާ ކަންކަމަކީ ހުންއައިސް ގައިގައި ބިހި ނެގުންފަދަ އަލާމާތެއް ފެނިއްޖެނަމަ، މާސްކު އަޅައި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ސަމާލުކަން ދިނުމާއި، ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއްދިނުމާއި، ކުޑަކުދިންނަށް ޖެހުމަށް ގައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް އަދާހަމަ ކުރުމާއި، ކެއްސާ ނުވަތަ ކިނބިހި އަޅާއިރު، އަނގަޔާއި ނޭތްފަތް ރަނގަޅަށް ނިވާކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު، މާސްކު އެޅުމާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމުގެ އިތުރުން، މަދިރި އާލާވާ ތަންތަން ބަލައި، ގޯތިތެރެއާއި ވަށާއިގެންވާ މާހައުލު ސާފުކުރުމެވެ.