ރައްޔިތުންގެ ކުރިމައްޗަށް ނުކުތީ ވެރިކަން ކުރެވުނު ގޮތް ފުރިހަމަވެގެން ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އެކުގައި މަޝްވަރާ ކުރެއްވުމަށް ކަމަށް ބުނެ ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މިރޭ ބޭއްވި ބައްދަލުވުމަށްފަހުގައެވެ.
ތިން ރައީސުން ސޮއި ކުރައްވައި، މިރޭ ބަޔާނެއް ވެސް ނެރުއްވިއެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ މިތިބީ އެއްވެސް ހާލެއްގައި އެ ބޭފުޅުންގެ ވެރިކަންތައް އެއީ އެންމެ ފުރިހަމަ ގޮތުގައި ވެވުނު ވެރިކަންތައް ގޮތުގައި ދެކިގެން ނޫން ކަމަށެވެ. ނަމަވެސް އެއީ ހިޔާލު އެއްގޮތް ކަންކަމުގައި ކުރިއަށް ނުދެވެންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ސޯލިހު ވަނީ ފިކުރު ތަފާތު، ޚިޔާލު ތަފާތު އެތައް ކަމެއް ހުރި ނަމަވެސް މިވަގުތަކީ އެ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކުރަން ޖެހިއްޖެ ވަގުތެއް ކަން ތިން ރައީސުންނަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މިއީ ސިޔާސީ ތިން ވާދަވެރިން މިގޮތަށް އެކުގައި މިފަދަ ބައްދަލުވުމެއް ބާއްވަވާ ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތްތަނުގައި ވެސް މި ތިން ބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއިރު، ތެލާއި ފެނާއި ގޭސް އެކު ނުވާނެ ކަމަށް ބުނެ، މި ރައީސުންގެ ބައްދަލުވުމަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

