ދުނިޔޭގެ އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތައް އަޅުގަނޑުމެންނާއި މިއަދު ބައްދަލުކޮށްފިއެވެ. އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
އެދުވަސްތަކުން އަޅުގަނޑުމެންނަށް ހެޔޮކަމެއް ލިބިގަނެވެން އޮތީ ކިހިނަކުންތޯ ބަލައި އެހެޔޮކަން ލިބިގަތުމަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.
އެހެނީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ މަންޒަރަކީ މިމާތް ދިހަ ދުވަހަކީ ކުޅިވަރަށް ތައްޔާރުވާ ދުވަސްތަކެއްކަމުގައި ހަދާފައެވެ. އެހެނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދިހަ ދުވަހެވެ. ރޯދަމަހުގެ ފަހު ދިހަ ދުވަހަށްވުރެވެސް މިދުވަސްތައް މާތްވެގެންވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
ނަމަވެސް ހިތާމަޔާއެކުގައި އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ މިމާތް ދުވަސްތަކުގެ ހުންނަން ޖެހޭނެ ގޮތަށްނޫންކަމާއި މެދުގައި އިޤުރާރުވާންޖެހެއެވެ.
ހެޔޮކަމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ ބޮޑުއީދަށް ލަނގިރި ޖަހަން ތައްޔާރުވުމާއި ސްޓޭޖުތައްޔާރު ކުރުމާއި ނަށާ މިޔުޒިކް ގުރޫޕުތައް ހޯދައި ހިރަފުސް އަރާފައިވާ މިޔުޒިކު ސާމާނުތަކުން ހިރަފުސް ފިލުވުމެވެ.
ރޯދަމަސް ފަދައިން ޝައިތާނާ ދުނިޔެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތަކުން އަޅުގަނޑުމެން މަހުރޫމުކޮށްލަން ކުރަމުންދާ މަސައްކަތްކަތުގެ މަޅީގައި ޖެހޭ މީހުން ކަމުގައި އަޅުގަނޑުމެން ނުލައްވާށިއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾
މާނައިގެ ތަރުޖަމާ: އަދި ފަޖުރުވަޤުތު ގަންދެއްވަމެވެ (1).
އަދި ދިހަ ރޭ ގަންދެއްވަމެވެ. (2)
ތަފުސީރު އިބުނު ކަޘީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވައެވެ. ފަޖުރުގެ މުރާދަކީ ނަޙުރުގެ (އީދު) ދުވަސް ޚާއްޞަކޮށެވެ. އެއީ ޛުލްހިއްޖާމަހުގެ( ފުރަތަމަ) ދިހަ ދުވަސް ނިމޭ ދުވަހެވެ. އަދި އެއީ އެދުވަހުގެ އެވަޤުތުގައި ކުރެވޭ ނަމާދުކަމަށްވެސް އިކުރިމާ ރިވާކުރައްވާ ފަދައިން ބުނެވެއެވެ. އަދިި ދިހަރޭގެ މުރާދަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެއީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ އެއެއްޗެއްގެ ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ އެވަޤުތުތަކުގެ މާތްކަމުގެ ސަބަބުންނެވެ.
އެދުވަސްތަކުގައި ކުރެވިދާނެ ޢަމަލުތައް
ހ. އަރަފާތު ދުވަހުގެ ރޯދަ ހިފުން
ފަހެ ޢަރަފާތް ދުވަހަކީ ޙައްޖުވެރިން ޢަރަފާތުގައި ތިބޭ ދުވަހެވެ. އެއީ ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މިދުވަހު ޙައްޖު ނުކުރާ މީސްތަކުންނަށް ރޯދަ ހިިފުން ސުންނަތްވެގެންވެއެވެ. އަދި ހައްޖުކުރާ މީސްތަކުންނަށް ރޯދަހިފުމެއް ނުވެއެވެ. އަދި މިދުވަހުގެ ރޯދައާއި ބެހޭ ގޮތުން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. :” صيام يوم عرفه أحتسب على الله أنه يكفر السنة التي قبله والسنة التي بعده ” [ رواه مسلم ]
ތަރުޖަމާޢީ: ޢަރަފާތު ދުވަހުގެ ރޯދައަކީ އަންނަން އޮތް އަހަރާއި އަދި އޭގެ ކުރިން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް ﷲއަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ”
އަދި އެހެން ޙަދީޘްފޮތްތަކުގައި ސީދާ ކުރީއަހަރާއި ފާއިތުވީ އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް އައިސްފައިވެއެވެ.
ށ. ތަހުލީލާ ތަކުބީރާއި ތަހްމީދުން ﷲ މަތިން ޛިކުރު ކުރުން
އަންނަނިވި ޢިބާރާތްތަކުން ތަކުބީރު ކިޔިދާނެއެވެ.
ހ. اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا.
ށ. اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لا إله إلا الله ، وَاللّهُ أَكْبَرُ ، واللّهُ أَكْبَرُ ،وَلِلّهِ الْحَمْدُ
ނ.اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْدُ
ނ. ރޯދަހިފައި ޤުރުއާން ކިޔެވުން
މިދުވަސްތަކުގައި ރޯދަހިފައި ޤުރުއާން ކިޔެވުން އިތުރުކޮށް ސަދަޤާތްދީ އުޅުން ގިނަކުރުން
قال صلى الله عليه وسلم : ” ما من عبد يصوم يوماً في سبيل الله إلا باعد الله بذلك اليوم عن وجهه النار سبعين خريفاً ” [ متفق عليه ]
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނަިއގައިވެއެވެ.
ފަހެ ﷲއަށްޓަކައި ރޯދައެއް ހިފައިފި އަޅަކަށް އޭނާގެ މޫނު އެ ދުވަހެއްގައި ހަތްދިހަ ހާސް އަހަރުގެ ރާސްތާއަށް ނަރަކައިން ދުރުކުރައްވާނެއެވެ.
އަދި އެހެންހަދީޘެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން އެހެން އެއްވެސް ހިޔަލެއްނުވާ ދުވަހު ހިޔާދެއްވޭ މީހުންގެ ތެރޭގައި އެއްއަތުންދޭ ސަދަޤާތް އަނެއްއަތަށް ނޭންގި ކުރާ މީހާ ހިމެނެއެވެ. ވީމާ ޞަދަޤާތްދިނުމަކީވެސް ނުހަނު ހެޔޮވެގެންވާ ކަމެކެވެ.
ރ. ސުންނަތް ނަމާދުތައް ގިނަކުރުން
މިދުވަސްތަކުގައި ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދު ވީހާވެސް ގިނައިން ކޮށް ރޭގަނޑުވެސް ދަމުނަމާދު ވީވަރަކުން ކުރެވޭތޯ ބެލުން .
ފަހެސުންނަތް ކަންގަދަވެގެންވާ ރަވާތިބު ނަމާދުތަކާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ރެޔަކާއި ދުވާލު ބާރަ ރަކުޢަތް ( ސުންނަތްކަން ގަދަވެގެންވާ) ކޮށްފިމީހާގެ މައްޗަށް އެއަމަލުގެ ސަބަބުން އޭނާއަށް ސުވަރުގޭގައި ގެޔެއް ބިނާކޮށްދެވޭނެއެވެ.
ބ. އަދި ވީވަރަކުން އެންމެހާ ހެޔޮ ޢަމަލުތަކުގެ މަތީގައި ފައިތިލަ ސާބިތުކުރެވޭތޯ ބެލުން.
އެއީ އެންމެ ކުޑަމިނުން މަޤުމަތިން އެއްޗެއް އެއްފަރާތްކޮށްލުމާއި އަދި މިސްކިތުން ނެރޭ ކުޑަކުނިކޮޅެއްނަމަވެސް މެއެވެ.
ނޯޓު: މިއީ ދި ސަލަފިއްޔާ އިން ނަގާފައިވާ ލިޔުމެކެވެ.

