ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާރޫގަކީ ދިވެހި ދަައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި، ވަކިން ހާއްސަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަގާމުތަކުގައި ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ފާރޫގު އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެންނާ އެ ވަކިވެވަޑަައިގަތީ، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީހަށްވެސް ގިނަގުނަ ހިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަހުސިއްޔަތެއް ކަމަށެވެ.

ފާރޫގަށް  ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުމަށް ދުއާ ކުރައްވާ ކަމަށްވެސް ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.