ދިވެހިރާއްޖެއިން ޔޫކޭއަށް ބޭރު ކުރާ ކަނޑު މަހަށް ޓެރިފް ކަނޑާލަން ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ފައިދާ ލިބި، މަސްވެރިންގެ އާމްދަނީ އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިނގިރޭސިވިލާތުގެ ބާޒާރަށް އިތުރަށް ފުޅާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހަށް މިއަދުން ފެށިގެން ޓެރިފް ކަނޑާލަން އެގައުމުން ނިންމުމުންނެވެ. މިއީ ދިވެހި މަސްވެރިންނަށް ނުހަނު ފައިދާ ކުރާނެ ކަމެކެެވެ.

އިނގިރޭސި ސަރުކާރުން ނިންމި އެ ނިންމުމަށް، ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރުހަބާ ދަންނަވާފައެވެ.

ރާއްޖެ ފާހަގަވެފައިވަނީ ޕޯލް އެންޑް ލައިން ޓޫނާ އިންޑަސްޓްރީގައި އެންމެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރަމުން އަންނަ ގައުމެއްގެ ގޮތުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ނިންމުމުން އެނގިގެން ދަނީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮންނަ ގާތް ގުޅުމުގެ އިތުރުން ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުން ދެއްވާ އަހަންމިއްޔަތުކަމެެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހަށް ޓެރިފް ކަނޑާލަން އެގައުމުން ނިންމި ނިންމުމާއި ގުޅިގެން ރައީސް ވަނީ އެގައުމުގެ ސަރުކާރަށާއި އެ ނިންމުން ނިންމެވުމަށް މަސައްކަތް ކުރި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ޓެރިފް ކަނޑާލަން ނިންމިއިރު، މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ޔޫކޭ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، ދިވެހި މަހުގެ އުފެއްދުންތަކަށް ހަމަ އަގު 12 އަހަރަށް ފަހު ލިބެން ފަށާނެއެވެ.