ވ. އަތޮޅުގައި ހުންނަ ކަނޑުއަޑީގެ ކޭވްއަކަށް ޑައިވްކުރަނިކޮށް އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއަށް ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

”މިޔަރުކަނޑު“ގެ ނަމުން މަޝްހޫރުވެފައިވާ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގައި ތާށިވެގެން، މިދިޔަ ބުރާސްފަތި ދުވަހު މަރުވި ޑައިވަރުންގެ ހަށިތައް ނަގާފައިވާއިރު، މަރުވި މީހުންގެ ތެރޭގައި މަންމައަކާއި އޭނާގެ ޒުވާން އަންހެން ދަރިފުޅު ވެސް ހިމެނެއެވެ.

އެއީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމުގައިވާ، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމާކަލްއެވެ.

އޭނާ އަކީ ޔުނިވަރސިޓީ ދަރިވަރެކެވެ. މޮނިކާގެ ފިރިމީހާ، އަދި ޖޯޖިއާގެ ބައްޕަ ކާލޮސް ސޮމާކަލްއަށް ވަނީ މި ހާދިސާގެ ސަބަބުން ފުން ހިތާމައެއް ލިބިފައެވެ.

އިޓަލީގެ މީޑިއާއެއް ކަމުގައިވާ ”އަންސާ“އަށް އޭނާ ބުނީ، އަނބިމީހާ އާއި ދަރިފުޅުގެ ހިނިތުންވުން މަތިން އަބަދުވެސް އޭނާ ހަނދާން ހުންނާނެ ކަމަށާއި، އޭނާއަށް ނުނިދޭތާ ވެސް ދުވަސްތަކެއް ވެފައިވާ ކަމުގައެވެ. އޭނާ ބުދަ ދުވަހު މިހެން ބުނީ، އަނބިމީހާގެ ހަށިގަނޑު އިއްޔެ ކަނޑުއަޑިން ނެގި ހަބަރު ލިބުމުންނެވެ.

އެކަމާ ގުޅޭގޮތުން އިތުުރު އެއްޗެއް ބުނާނެ ހިތްވަރެއް ވެސް ނެތްކަމަށާއި، މިހާރު އޭނާ ދުނިޔޭގައި ހުރީ ޒުވާން ފިރިހެން ދަރިފުޅުގެ ހައްގުގައި ކަމަށް ވެސް ކާލޮސް ބުނެފައިވެއެވެ.

މީގެ ކުރިން ކާލޮސް ވަނީ އޭނާގެ އަނބިމީހާ މޮނިކާ އަކީ ވަރަށް ތަޖުރިބާހުރި ޑައިވަރެއް ކަމަށާއި، އޭނާ ގަސްތުގައި ދަރިފުޅު ރިސްކަކަށް ނުލާނެ ކަމަށެވެ.

އަދި މޮނިކާ އަބަދުވެސް ޑައިވް ކުރަނީ ގޯޕްރޯއެއް ހިފައިގެން ކަމަށާއި، އެންމެ ފަހުން ދިޔައީ ގޯޕްރޯ ހިފައިގެން ކަމުގައިވާނަމަ، ޑައިވަރުންނަށް ވީގޮތް އެނގިދާނެ ކަމަށެވެ.

ޑައިވަރުން ގެންދިޔަ ޑިވައިސްތައް ކަނޑު އަޑިން ނަގައި، ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. މި ޑިވައިސްތައް ބެލުމުން، މަރުވި ޑައިވަރުންނަށް ވީގޮތް ހޯދޭނެ ކަމަށް ބެލެވެއެވެ.