ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރިއިރު، އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އ.އ ތޮއްޑޫއަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓުން ބުނީ، އެ ރަށަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މި ވިއްސާރައިގައި މިރެއާ މާދަމާ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

މެޓުން ބުނީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރާނެ ކަމަށް ވެސް ބެލެވޭ ކަމުގައެވެ.

”ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް، މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ.“ މެޓުން ބުންޏެވެ.

ރާއްޖޭގެ އެކި ސަރަހައްދަށް މެޓުން އެލާޓުތައް ނެރެމުންދާއިރު، މ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މެޓުން މި އެލާޓު ނެރުނީ، ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.