ދިވެހިރާއްޖޭގައި މީގެ ކުރިން މުޅިން ވެސް އޮތީ، ސިޔާސީ ގޮތުން މީހުންގެ ކިބައިން ބަދަލު ހިފުމާއި ޖަލަށްލުން ކަމަށާއި، މި ސަރުކާރުން އެކަމަށް ނިމުން ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދިން ”ނޭޝަންޗެޓް“ގައި އެމަނިކުފާނު ވަނީ، ސިޔާސީ ގޮތުން ބަދަލު ހިފުން ނިމުމަކަށް ގެނައުމަކީ، ވައުދުފުޅެއް ކަމަށާއި، ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި، އެއްވެސް މީހަކު ސިޔާސީ ގޮތުން ޖަލަށް ލާފައި ނުވާނެ ކަމަށެވެ.
”އެޗީވްމަންޓެއް (ކާމިޔާބީ)އެއްގެ ގޮތުގައި އަޅުގަނޑު ދެެކެނީ އެއީ، އަޅުގަނޑުގެ ވައުދެއް ފުއްދިފައި އެވަނީ.“ ރައީސް ވިދާޅުވިއެވެ.
މިފަހުން ރާއްޖޭގައި ކުރި ވެރިކަންތަކުގައި ސިޔާސީ ލީޑަރުން ޖަލަށްލައި އަދަބު ދިން ތަން ފެނިގެންދިޔައެވެ. އަދި ކުރިން ވެރިކަން ކުރެެއްވި ބޭފުޅުން ވެސް ޖަލަށްލި މަންޒަރު ފެނިގެންދިޔައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ސިޔާސީ ލީޑަރަކު، އަދި ވަކިން ހާއްސަކޮށް، ކުރިން ވެރިކަން ކުރެއްވި އެއްވެސް ރައީސަކު ޖަލަށް ލާފައި ނުވާ ކަމަށެވެ.
އަދި މިއީ ކުރީ ސަރުކާރުތަކުގައި ”ހޮބީ“އެއް ފަދަ ގޮތަކަށް އޮތް ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެއީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމުން، އެކަން ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކަށް، ސިޔާސީ ގޮތުން މަސައްކަތް ކުރުމަށް ފުރިހަަމަ މިނިވަންކަން އޮތްކަމުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.
”ސިޔާސީ ޕާޓީތައް ފުލީ ހަމަ އެބަ އޮޕަރޭޓް ކުރޭ މިނިވަންކަމާއެކީގައި. އެހެންވީމަ، ސިޔާސީ ހަމަޖެހުން އަޅުގަނޑު ގެނެސްދީފިން ގައުމަށް.“ ރައީސް ވިދާޅުވިއެވެ.
ސިޔާސީ މީހަކަށްވީތީ، އެ މަސައްކަތް ނުކުރެވިދާނެ ކަމަށް އެއްވެސް މީހަކު ބިރުގަންނަން ނުޖެހޭނެ ކަމަށާއި، އެ ބިރަކީ މިހާރު މި ގައުމުގައި އޮތް ބިރެއް ނޫންކަން ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.
ސިޔާސީ ގޮތުން މިނިވަންކަން އޮތްނަމަވެސް، ރާއްޖެ އަކީ އިސްލާމީ ގައުމަކަށްވުމާއެކު، ގާނޫނު އަސާސީ ހުއްދަ ކުރާ މިންގަނޑު ތެރޭގައި އެ މިނިވަންކަން ބޭނުންކުރުމަކީ، ސިޔާސީ މީހަކަށް ވިޔަސް ނުވިޔަސް، އަމަލު ކުރަންޖެހޭނެ ގޮތް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

