ރާއްޖެ އިން ހިމަބިހީ ކޭސްތަކެއް ފެނުމާ ގުޅިގެން އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހާއްސަ މޭޒެއް ގާއިމުކޮށްފިއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ރާއްޖެއިން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހިފައިވާ 7 މީހުން ފެނިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މިދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ ހިމަބިހީގެ އަލާމާތްތައް ފެންނަ މީހުންނަށްހިދުމަތްދިނުމަށް ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިޔުލަންސް ޕޯޓިކޯ ކައިރީގައި މިކަމަށް ހާއްސަ މޭޒެއް މިހާރު ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެހެންވެ، ހިމަބިހީގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދައްކަން ދާއިރު މާސްކް އެޅުމަށާއި، ވީހާ ވެސް މަދު ބަޔަކާ އެކު ހޮސްޕިޓަލަށް ދިޔުމަށް އިލްތިމާސްކޮށްފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ ހިމަބިއްސަށް ހާއްސަކުރި މޭޒުގެ ހިދުމަތް ކޮންމެ ދުވަހަ ކުވެސް ހެނދުނު 8:00 އިން ރޭނގަޑު 11:00 އާ ހަމައަށް ލިބޭނެ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3335335 އަށް ގުޅުއްވައިގެން ހޯދޭނެއެވެ.