ހދ. ކުޅުދުއްފުށި ސިޓީގައި އަޟްހާ އީދު ފާހަގަ ކުރުމަށް ބޭއްވި މަށިމާލި ޕެރޭޑުގެ ސަބަބުން، މުޅި ރާއްޖޭގައި ފާހަގަކުރަމުންދާ އީދުގެ އުފާވެރިކަމާއި އެކުވެރިކަމުގެ ރޫހަށް ކިލަނބުކަން އަންނަ ކަމަށް ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި ޒަމާނުއްސުރެ ކުޅެމުން އަންނަ މި އާދަކާދައިގައި މީހުންނަށް މަލާމާތްކުރުން އެކުލެވޭތީ، އެ ސިޓީގެ ކައުންސިލުން ވެސް ވަނީ އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށް ބަޔާނެއް އާންމުކޮށްފައެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، މަށިމާލި ޕެރޭޑާ ގުޅޭގޮތުން އާޒިމާ ފާހަގަކުރެއްވި ގޮތުގައި، އީދަކީ އާއިލާތަކާއި މުޖުތަމަޢުގެ މެދުގައި ލޯތްބާއި ކުލުނު އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ނަމަވެސް، ސިޔާސީ ކަންކަމަށާއި މުޖުތަމައުގެ އެކިއެކި ފަރުދުންނަށް ފުރައްސާރަކޮށް ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން، ގައުމުގައި އޮންނަންޖެހޭ އީދުގެ ހަގީގީ އުފާވެރިކަން ގެއްލިގެންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ބާއްވާ މަށިމާލި ޕެރޭޑުގައި ގައުމުގެ އިސް މަގާމުތައް އަދާ ކުރައްވާ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ އާއްމު ކަމެކެވެ. މިފަދަ ހަރަކާތްތައް ބެލުމަށް ގިނަ ކުޑަކުދިން ވެސް ޖަމާވާއިރު، މިއީ އެ ކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.

