މި ހިނގާ ޖޫން މަސް ނިމޭހިސާބު ޑޮލަރު މައްސަލަޔަށް ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދަތިތަކެއް ދިމާވެގެން މިހާރު ކާޑުތަކުގެ ލިމިޓް ކުޑަކޮށްފައިވީ ނަމަވެސް، ބޭންކުގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ ކަމަށް ބޭންކުން އިޝާރާތެއް ލިބިފައިވާ ކަމަށެވެ.
”އިއްޔެގަ ރައީސް އޮފީހަށް ބޭންކުން މައުލޫމާތު ހޯދަންބެލިއިރުގައި މި މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ ލުއިކޮށްދޭނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ.“ ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތީ 250 ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރިޔަސް މިހާރު ވަނީ ހުރިހާ ޑެބިޓް ކާޑުތަކަށް ވަކި ލިމިޓެއް ކަނޑައަޅައިފައެވެ.

