ހަރުދަނާ ޖީލެއް ބިނާކޮށް، ގައުމަށް ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމުގައި ބެލެނިވެރިންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އާއިލާތަކުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ބެލެނިވެރިން ވަމުންދާ މަތިވެރި ގުރުބާނީއާއި، ނުގުޑާފަދަ އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަންކުރާކަމަށެވެ.
ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށް، ގައުމުގެ ބާރުވެރިކޮށްދޭ މައިގަނޑު އަސާސުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުޖުތަމައުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ބަލައިގަނެ، އެފަރާތްތަކަށް އެހީތެރިވުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ ބެލެނިވެރިން ނުވަތަ ޕޭރަންޓްސް ދުވަހުގެ ގޮތުގައެވެ.

