ށ. މިލަންދޫގައި ފައިބަރުގެ މަސައްކަތް ކުރާ ތަނެއްގައި ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ތަނަށާއި އެތަނުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 11:09 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގުމާއެކު ރަށުގެ އާންމު ރައްޔިތުންނާއި ފުލުހުން ގުޅިގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފުލުހުން ބުނީ، ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 1:00 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން އެ ތަނުގައި ހުރި ތިން ޑިންގީއަކާއި، ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑުތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މީގެ އިތުރުން ފައިބަރު މަސައްކަތް ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެއްޗަށާއި އެ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

