މިދިޔަ އަހަރަކީ މިހާތަނަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ބަޖެޓުގެ ނަތީޖާ ބަޔާން މިއަދު އާއްމުކޮށްފައެވެ.

އެ ބަޔާނުގައިވާ ގޮތުގައި، 2024 ވަނަ އަހަރު ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، މިދިޔަ 2025 ވަނަ އަހަރު 4.8 ބިލިއަން ރުފިޔާ އިތުރަށް ލިބިފައިވެއެވެ. މިއީ 13.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ، ލަފާ ކުރެވުނު މިންވަރަށްވުރެ އިތުރުވެފައިވާކަން ފާހަގަކޮށް، ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، 31 އޮކްޓޯބަރު 2024 ގައި އެ މިނިސްޓްރީން ހުށަހެޅި ބަޖެޓުގައި 2025 ވަނަ އަހަރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރީ 39.8 ބިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް އަހަރު ނިމުނުއިރު ލިބުނު އާމްދަނީ އަންދާޒާކުރި މިންވަރަށް ވުރެ 74.4 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަ ކޮށްފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުރިއެރުމާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމެވެ.

މީގެއިތުރުން، އަންދާޒާ ކުރިވަރަށް ވުރެ މިދިޔަ އަހަރުގެ ބަޖެޓު ހަރަދު 5 ބިލިޔަން ރުފިޔާ ދަށް ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރިއެވެ.

އެ ބަޔާނުގައިވާ ގޮތުން، 2025 ވަނަ އަހަރު ދައުލަތުން ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި ކުރިން ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ.

ނަމަވެސް، އަހަރު ނިމުނުއިރު ޖުމްލަ ހަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ހަރަދުތައް މިހާ ބޮޑަށް ކުޑަކުރެވުނީ ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތަކާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫއުތައް ހިންގުމަށް ގެނައި ބަދަލުތަކުގެ އިތުރުން، ހިނގަމުންދާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.