ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ އިތުރުބުރުގެ ވޯޓު ނަގަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން މިއަދު ހެނދުނު 8:00 އިން ފެށިއިރު، ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި އިންތިހާބުގައި މިއަދުގެ 9:00 އާ ހަމަޔަށް 11.53 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، ވޯޓު ނުލާ މީހުންގެ އަދަދަކީ 88.47 އިންސައްތައެވެ.

އިންހާބުގައި ވޯޓުލުމުގެ ހައްގު 1049 މީހަކަށް ލިބިގެންވާ ކަމަށް އީސީން ބުނެއެވެ.

އެގޮތުން މީދޫއަށް ވޯޓުލާނީ 587 މީހުންނެވެ. އަދި މާލެއަށް ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 462 މީހުންނެވެ.

މި އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދާއި ޕީއެންސީގެ ފަރާތުން ސުހާ އިބްރާހީމެވެ.