ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޢަބްދުﷲ ސާދިގު(ސޯބެ) މަޖިލީހުގެ މެންބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
މަޖިލީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޯބެއަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ.
ހުވާކުރެއްވުމަށްފަހު އޭނާ ވަނީ މެންބަރުކަމުގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024ވަނަ އަހަރުގެ އާންމު އިންތިހާބުގައި އެ ދާއިރާއަށް އިންތިހާބުވި އަހުމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ.
މަޖިލީހުގައި ސޯބެ ތަމްސީލުކުރައްވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އެވެ.
ސޯބެ ހުވާކުރެއްވުމާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ.

