ހަކުރު ބައްޔަކީ ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމުން ދިމާވާ ހާލަތެކެވެ. ހަކުރު ބަލީގެ ދެވައްތަރެއް ހުރެއެވެ. ފުރަތަމަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާވާ ވައްތަރު ނުވަތަ ޓައިޕް 1 އެވެ. މިވައްތަރު އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ.
ނުވަތަ އުމުރުގެ ކުރީކޮޅު އެވެ. ދެވަނަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާނުވާ ވައްތަރު ނުވަތަ ޓައިޕް 2 އެވެ. މިއީ އުމުރުން 40 އަހަރު ވުމަށްފަހުން ކުރިމަތިވާ ވައްތަރެކެވެ.
ހަކުރު ބަލި ޖެހެން މެދުވެރިވާ ވަކި ހާއްސަ ސަބަބެއް ނެތް ކަމުގައި ވިޔަސް، އާއިލާގައި ހަކުރު ބަލި ޖެހިފައިވާ މީހަކު ހުރުމާއި، ބަރުދަން އިތުރު މީހުންނާއި، ލޭ މައްޗަށް ގޮސް، ކޮލެސްޓްރޯލް ހުންނަ މީހުންގެ އިތުރުން، ދިރިއުޅުމުގައި ފިކުރު ބޮޑުވެ، ހާސްކަމުގެ ތެރޭގައި އުޅެން ޖެހުމުން ވެސް މި ބަލި ޖެހެއެވެ.
ހަކުރު ބަލި ކޮންޓްރޯލް ކެއުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަމަކީ މިންހެޔޮކޮށް ކެއުން ގެންގުޅުމެވެ.
ފޭރު ފަތުން ހަކުރު ބަލި މެނޭޖު ކުރެވިދާނެތަ؟
ސިއްހީ ލިޔުންތަކުގައިވާ ގޮތުގައި، ފޭރު ފަތުގައި ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މާއްދާތަކެއް އެކުލެވިގެންވެއެވެ. އަދި މި ފަތަކީ ޓައިޕް-2 ހަކުުރު ބަލި ކޮންޓްރޯލް ކުރުމަށް ވަކިން ބޮޑަށް އެހީތެރިވާ އެއްޗެއް ކަމުގައި ބުނެވެއެވެ.
2010 ވަނަ އަހަރުގައި ނިއުޓްރިޝަން އެންޑް މެޓަބޮލިޒަމް ޖާނަލްގައި ޝާއިއު ކުރި ދިރާސާއެއްގައި ވާގޮތުން، ފޭރު ފަތް ފެނު ކައްކައި، އެ ފެން ބުއިމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށް ކޮށްދޭނެ ކަމެކެވެ. އަދި ކެއުމަށްފަހުގައި، މި ބުއިން ބޭނުން ކުުރުމުން، ކެއުމުގެ ފަހުން ހަކުރު މަތިވުން ހުއްޓުވައިދޭ ކަމަށް ވެސް ދިރާސާ އިން ދައްކައިފައިވެއެވެ.
ފޭރު ގަހުގެ ފަތުގެ ފެން ތައްޔާރުކޮށްލުމަށް މާ ގިނަ ފަތެއް ބޭނުމެއް ނުވެއެވެ. މުށެއްހައި ފަތް ނަގައި، ތެއްޔަކަށް ފެން އަޅައި، 10 ނުވަތަ 15 މިނެޓުވަންދެން ހޫނު ކުރާށެވެ. އަދި ފެންގަނޑު ކެކުމުން، ފުރާނާލާށެވެ. މި ބުއިން ހޫނުކޮށް، ހިހޫކޮށް ވެސް ބޮވިދާނެއެވެ.
ހަކުުރު ދަށް ކުރުމަށް މި ބުއިން ބޭނުން ކުރި ކަމުގައި ވިޔަސް، ޑޮކްޓަރުން ދީފައި ހުންނަ ބޭސް ކެއުމުގައި ފަރުވާ ކުޑަ ކޮށްގެން ނުވާނެއެވެ. އަދި މިންހެޔޮކޮށް ކެއުމާއި، ހެލިފެލިވެ އުޅުމަށް ވެސް ސަމާލުކަން ދޭންޖެހެއެވެ.

