ފުޓްބޯޅައިގެ ”ގްރޭޓެސްޓް އޮފް އޯލް ޓައިމް(ގޯޓް)“ އަކީ ކާކުތޯ ކުރެވޭ ބަހުސަށް ގިނަ ބަޔަކު ގެންނަނީ ދެ ނަމެވެ. އެއީ އާޖެންޓީނާގެ ތަރި ލިޔޮނަލް މެސީ އާއި، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ވޯލްޑް ކަޕްގެ ތަށި މެސީ އުފުލާލާފައިވާއިރު ވެސް، ރޮނާލްޑޯގެ ސަޕޯޓަރުން އަދި ވެސް ދެކެނީ، އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

މިކަމާމެދު ”އޮރިޖިނަލް ރޮނާލްޑޯ“ ކަމަށް ގިނަ ބަޔަކު އަދިވެސް ދެކޭ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ވަނީ އޭނާގެ ބަސް އިއްވައިފައެވެ.

މި ވޯލްޑް ކަޕްގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި މެސީ ވަނީ، ހެޓްރިކް ހަދައި، ”ގޯޓް“ ބަހުސްގައި ”ފުލްސްޓޮޕް“ ޖަހައިފައި ކަމަށް ރޮނާލްޑޯ ދެކެއެވެ.

ސްޕެނިޝް ނޫހަކަށް ދިން އިންޓަރވިޔުއެއްގައި ވޯލްޑް ކަޕްގެ ތަށި އުފުލާލި ރޮނާލްޑޯ ބުނީ، މެސީ އަކީ ފުޓްބޯޅައިގެ ”ގޯޓް“އަށް ވުމަކީ މިހާރު ”ފެކްޓް“އެއް ކަމަށެވެ.

އަދި އެކަން ފޮރުވަން ނޫޅުމަށް އޭނާ ވަނީ ފުޓްބޯޅައަށް ފޯރި ހުންނަ މީހުންނަށް ގޮވައިލައިފައެވެ. އޭނާ ބުނާގޮތުގައި، މެސީ ދަނޑުމައްޗަށް ނުކުންނަ ކޮންމެ ފަހަރަކު ތާރީހު ބަދަލުކޮށްލައެވެ. ރެކޯޑުތަކެއް ހަދައެވެ.

ބާސެލޯނާގެ ކުރީގެ ސްޓްރައިކަރ، ޒްލަޓަން އިބްރަހިމޮވިކް ވެސް ދެކެނީ ހަމަ މިފަދައިންނެވެ.

”އަހަރެން ނުދެކެން އެހެން މެސީއެއް ފެނިދާނެ ކަމަކަށް. އެއީ މެސީ ހާއްސަ ވީމަ.“ ޒްލަޓަން ”ފޮކްސް“އަށް ބުނެފައިވެއެވެ.

”މިއީ ވަރަށް ނެޗުރަލް ކަމެއް. ހީވަނީ ފުޓްބޯޅަ ތައްޔާރު ކުރެވުނީ ވެސް މެސީއަށްހެން. އޭނާ އަތްލި އެއްޗެއް ރަނަށްވޭ. އޭނާ އަށް ލިބިފައި ވަނީ ވެސް، އޭނާއަށް މަރުދޭ ޓީމެއް.“

”އިތުރު ވޯލްޑް ކަޕެއް ހޯދުން ވެސް އޭނާގެ ސްޓެޓަސް ބަދަލެއް ނުވާނެ. އެ ވާނީ ޓްރޮފީ ކޮޓަރިއަށް އިތުރުވާ ޓްރޮފީއަކަށް.“ ޒްލަޓަން ބުންޏެވެ.