މާލޭގެ ފުޑް ކޯޓު ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ 27 ބިދޭސީން އަތުލައިގަތީ ފުޑް ކޯޓުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކާ ސުވާލުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީން ގާނޫނާއި ގަވައިދުގެ ތެރެއަށް ވެއްދުމަށާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްހަ އަދަދު ދެނެގަތުމަށް މިސަރުކާރުން ވަނީ ”ކުރަނގި“ ނަމުގައި ހާއްސަ އޮޕަރޭޝަނެއް 2024 ވަނަ އަހަރު ކުރިއަށް ގެންގޮސްފައެވެ.
އޭރު ސަރުކާރުން ވަނީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންނަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއަށް ވަނުމަށް ފުރުސަތުތަކެއްވެސް ދީފައެވެ.
އެ މުއްދަތު ހަމަވެފައިވާތީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންނަށް ދެން އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކޮށްލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

