އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި އަންނަ އަހަރު ކިޔަވައި ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
”އަރަބިއްޔާ ސްކޫލުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ރާވާލެވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް އެބަދޭ. އުންމީދު ކުރެވެނީ އަޅުގަނޑުމެންނަށް ނޮވެމްބަރު މަހުގެ ތެރޭގައި މަސައްކަތް ނިމި މި އަންނަ އަހަރުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަރަބިއްޔާގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށޭނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ ކުރީގެ ކުނިކޮށި ހިންގި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ފެށީ 2024 ގައެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާއެވެ.
އެ ކުންފުނިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ނޮވެމްބަރު 17، 2024 ގައެވެ.

